ތަޢާރަފު

   

   ރާއްޖޭގައި އަރުޝީފު ކުރުމުގެ މަސައްކަތްތައް މީގެ އެތައްސަތޭކަ އަހަރެއް ކުރީއްސުރެ ކުރެވިފައިވާކަން ތާރީޚީގޮތުން ސާބިތުވެއެވެ. 12 ވަނަ ގަރުނުން ފެށިގެން ހުރި ލޯމާފާނުތަކަކީ މިކަމުގެ ސާބިތު ހެކިތަކެކެވެ.

   ފަހުގެ ތާރީޚުގައި އަރުޝީފުގެ މަސައްކަތްތަކަށް ބަލާއިރު، ދުވަހުން ދުވަހަށް ގައުމުގެ ކަންކަން ލިޔެ އަރުޝީފު ކުރަން ފެށުނީ 12 ޖެނުއަރީ 1942 ގައި ވުޒާރަތުއް ދާޚިލިއްޔާގައެވެ. އަދި  1945 ގައި ހުޅުވުނު ކުތުބުޚާނާއާއި، 1952 ގައި ހުޅުވުނު ދާރުލްއާސާރަކީ ވެސް އަރުޝީފުގެ މަސައްކަތްތައް ކުރެވިފައިވާ ތަންތަނެވެ. އަދި 1968 ގައި އުފެދުނު ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގއާއި، 1979 ގައި އުފެދުނު ދިވެހި ތާރީޚާ ސަގާފަތަށް ޚިދުމަތްކުރާ ގައުމީ މަޖިލީހާއި، 1982 ގައި އުފެދުނު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަކީ އަރުޝީފު ކުރުމުގެ މަސައްކަތް ޤައުމީ ގޮތުން ކުރެވުނު މުއައްސަސާތަކެކެވެ. އަދި 2003 ގައި އުފެދުނު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ.) އަކީ އަރުޝީފުގެ މަސައްކަތް ޓެކްނޮލޮޖީ ގޮތުން ކުރެވޭ މުއައްސަސާއެކެވެ.

   މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ ދަށުގައި އިދާރީގޮތުން ޤައުމީ އަރުޝީފުގެ ނަމުގައި އޮފީހެއް 6 ނޮވެމްބަރ 1996 ގައި ސަރުކާރުން އުފެއްދެވިއެވެ. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި، ޤާނޫނު ނަންބަރު 16/2011 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ، 19 ޖަނަވަރީ 2012 ގައި އުފެއްދެވި މުއައްސަސާއެކެވެ. ޤައުމީ އަރުޝީފަކީ ޤައުމުގެ ތާރީޚީ ފުރޭފުތަކާއި ފަތްފުށްތަކާއި ފަތްކޮޅުތަކާއި ޗާޓުތަކާއި ލިޔެކިޔުންތަކާއި ރިކޯޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި ދެމެހެއްޓުން ޤާނޫނީގޮތުން މަތިކުރެވިފައިވާ މަރުކަޒީ މުއައްސަސާއެވެ. އަދި ދައުލަތުގެ އެންމެހާ ލިޔެކިޔުންތަކާއި  ރިކޯޑުތައް ބެލެހެއްޓުމުގެ ސިޔާސަތުތަކާއި އުސޫލުތައް މަރުކަޒީގޮތުން ހިންގުން ޤާނޫނީގޮތުން މަތިކުރެވިފައިވާ މުއައްސަސާއެކެވެ. 

   ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ބެލެނިވެރި މިނިސްޓްރީއެއްގެ ގޮތުގައި އެންމެ ފުރަތަމަ 19 ޖަނަވަރީ 2012 ގައި ހަމަޖެހުނީ، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއެވެ. އެއަށްފަހު ހަމަ އެ އަހަރު (2012) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ބެލުމުގެ ދަށަށް ބަދަލުވިއެވެ. އޭގެފަހުން 1 މޭ 2014 އިން ފެށިގެން 17 ނޮވެންބަރު 2018 އާ ހަމައަށް ބެލެނިވެރި މިނިސްޓްރީއަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއެވެ.

   17 ނޮވެންބަރު 2018 ގައި މި ސަރުކާރު ގާއިމުވުމުން ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ބެލެނިވެރި މިނިސްޓްރީއަކީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖެވެ. މިނިސްޓަރަކީ އޮނަރަބަލް އަލްފާޟިލާ ޔުމްނާ މައުމޫނެވެ. ޤައުމީ އަރުޝީފު ހިންގުމުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާރކައިވްސްއެވެ. މި މަޤާމު އަދާކުރައްވަނީ އަލްފާޟިލް މުޙައްމަދު އާމިރެވެ.

 

   ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވިޜަން

   ދިވެހިވަންތަކަން ދިރުވާ އާލާކޮށް، ދިވެހި ފަތްފުއްތައް އަބަދަށް ރައްކާތެރިވެފައިވުން.

 

   ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ މިޝަން

   ރިކޯޑާއި މައުލޫމާތު ގެންގުޅެ ބެލެހެއްޓުމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބިނާކޮށް، ޤައުމުގެ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓްތަކާއި ރެކޯޑްތަކާއި މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމާއި، މި ތަކެތި ލުއިފަސޭހަކަމާއެކު ބެލޭނެ އިންތިޒާމް ހަމަޖެއްސުން.

 

   ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވެލިއުސް

   ޤައުމީރޫހާއި ޖޯޝްހުރި، ތެދުވެރި، ޒިންމާދާރު، ވިސްނުންތެރި، ފަންނީ ހުނަރުވެރި، ފެންވަރު ރަނގަޅު، ލުއިފަސޭހަ.

 

   ޤައުމީ އަރުޝީފުގެ މަސްއޫލިއްޔަތު

   ތިރީގައި މި ވަނީ ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު) ގެ 6 ވަނަ މާއްދާއިން ޤައުމީ އަރުޝީފަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކެވެ.

  1. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދަށުން ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  2. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދާއިރާގައި ނުހިމެނޭ، އެހެން ނަމަވެސް ދިވެހިރާއްޖެއާއި ދިވެހިންނާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކާއި، ރިކޯޑުތަކާއި، ފޮޓޯ ފަދަ ތަކެތި ރައްކާކުރަން ހިތްވަރު ދިނުން.
  3. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގައި ބަޔާންވެފައިވާ ކަންކަމުގެ އިތުރުންވެސް އެ ޤާނޫނުގެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ ލިޔުންތަކާއި، ރިކޯޑުތަކާއި، ފޮޓޯ ފަދަ ތަކެއްޗަކީ ކޮބައިކަން ކަނޑައެޅުން.
  4. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ބެހެއްޓިފައިވަނީ، ރިކޯޑާއި މަޢުލޫމާތު ގެންގުޅެ ބެލެހެއްޓުމުގެ ސިޔާސަތެއްގެ ދަށުން (ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބިނާކޮށް)، ކަނޑައެޅިފައިވާ މިންގަނޑަށް، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ތަންދޭ، އެންމެ ޒަމާނީ ގޮތަށާއި ފެންވަރުގައިތޯ ބެލުން.
  5. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ލުއިފަސޭހަކަމާއެކު ބެލޭނެ އިންތިޒާމު ހަމަޖެއްސުން.
  6. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެއްޗާމެދު ރައްޔިތުން ޝައުގުވެރިކުރުވުން.
  7. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި އެންމެ އެދެވޭ ގޮތެއްގައި ރައްކާކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުން.
  8. ޤާނޫނުގައިވާ ގޮތުގެ މަތިން ޤައުމީ އަރުޝީފުގައި ރައްކާކުރެވޭ ތަކެތީގެ ފިކުރީ މުދަލުގެ މިލްކުވެރިކަން ހޯދުން.
  9. ފިކުރީ މުދަލުގެ ޙައްޤުތަކާ ޚިލާފުނުވާނެ ގޮތުގެމަތިން ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ އިތުރު ކޮޕީއެއް ހެދުން.
  10. ފިކުރީ މުދަލުގެ ޙައްޤުތަކާ ޚިލާފުނުވާނެ ގޮތުގެމަތިން ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ޝާއިޢުކުރުން.
  11. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދަށުން ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ ދައުލަތުގެ މުއައްސަސާތަކުގެ ރިކޯޑުތައް ޤައުމީ އަރުޝީފާ ހަވާލުކުރެވެންދެން ބަލަހައްޓަންވާ ގޮތް އެ މުއައްސަސާއަކަށް އެންގުން.
  12. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ އިންޑެކްސާއި ފަސޭހަކަމާއެކު އެފަދަ ތަކެތި ބޭނުންކުރެވޭނެ ގޮތުގެ އަތްމަތީ ފޮތްތަކާއި، ލީފްލެޓާއި ގައިޑު ފަދަ ތަކެތި ޝާއިޢުކުރުން.
  13. ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑުތަކުގެ ތެރެއިން ނައްތާލަންޖެހޭ ރިކޯޑުތަކާއި އެ ރިކޯޑުތައް ނައްތާލަންޖެހޭ ގޮތް ކަނޑައެޅުން.
  14. ދައުލަތުގެ މުއައްސަސާތަކުގައި ލިޔެކިޔުންތަކާއި ރިކޯޑު ފަދަ ތަކެތި ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން.
  15. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފުމަށްޓަކައި ބޭނުންވާ ވަޞީލަތްތައް ހޯދައި ބެލެހެއްޓުން.
  16. ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.
  17. މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އިތުރުންވެސް، ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު) ގެ މަޤްޞަދާއި ޤައުމީ އަރުޝީފާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

 

 

ޚިދުމަތް ހޯދުމަށް